Sunday, July 11, 2010

ގާނޫނު ތަންފީޒުކުރުމަށްޓަކައި ސަރުކާރުން އަމަލީ ޕުލޭނެއް އެކުލަވާލަންޖެހޭނެ

disability bill

ޖޫން 22 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، 8 ޖުލައި ގައި ރައީސް ނަޝީދު ތަސްދީގުކުރެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބިލަކީ އެތައް ގޮތަކުން ފާހަގަކުރެވޭ ބިލެކެވެ. ފުރަތަމަ ކަމަކީ، މިވީހާ ދުވަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ސިޔާސަތުގެ ފެންވަރުގަޔާއި އަމަލީ ފެންވަރުގައި މާ އެދެވޭ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވިފައިނުވުމާއި، އެފަދަ މީހުންނާއި ކުދިން ބޭނުންވާ ޒަރޫރީ ފަރުވާތައް (ސުޕީޗު ތެރަޕީ، އޮކިޔުޕޭސަނަލް ތެރަޕީ، އަދި ބިހޭވިއަރަލް ތެރަޕީ) އެދެވޭ ފެންވަރެއްގައި ރާއްޖޭގައި ލިބެންނެތުމެވެ. ދެވަނަ ކަމަކީ، މިބިލު މިހާރު އޮތް ފެންވަރަށް އިސްލާހުކުރުމަށްޓަކައި އަމިއްލަ ޖަމުއްޔާތަކުންނާއި އެކުދިންގެ ބަލަދުވެރިން ކުރެއްވި އިހުލާސްތެރި މިންނަތް މަސައްކަތެވެ. ތިންވަނަ ކަމަކީ، މިގާނޫނުގެ ސަބަބުން މިހާރު އަމަލުކުރެވެމުންދާ ސަރުކާރުގެ ގިނަގުނަ ސިޔާސަތުތަކެއް ބަދަލުކުރަންޖެހުމާއި، އާއްމު ހިދުމަތުގެ ގޮތުގައި ބޭނުންކުރަމުން އަންނަ ވަސީލަތްތަކާއި ތަންތަނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެގާނޫނު ބާރު އަޅާތީވެއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އަންނަންޖެހޭ ބައެއް ބަދަލުތައް
1. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން ސަރުކާރުގެ ހަރަދުގައި އިންސުއަރަންސްގައި ބައިވެރިކޮށް، ބޭނުންވާ ފަރުވާ ލިބޭނެ މަގުތަނަވަސްކޮށްދިނުން. ރާއްޖެއިން ލިބެންނެތް ފަރުވާ އަވައްޓެރި ގައުމުތަކުން ހޯދައިދިނުން.
2. ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ރައްޓެހި މާހައުލެއް ބިނާކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގަޔާއި އާއްމުތަންތަނުގައި ނުކުޅެދުންތެރިމީހުންނާ ރައްޓެހި ފާހާނާތައް ހެދުމާއި، އުދަގުލަކާނުލައި ފުރޮޅުލީ ގޮޑި ދުއްވޭގޮތަށް މަގުތަކާއި، މަގުފާހަގަތަކާއި، ޕޭމަންޓަށް ބަދަލުގެނައުމާއި، އެފަދަ މީހުންނަށް ވަދެނިކުމެވާގޮތަށް ތަންތަނުގެ ދޮރުތަކާއި ގޭޓުތަކަށް ބަދަލުގެނައުން. އަދި އެފަދަ މީހުންގެ ދުއްވާ އުޅަދު ޕާކުކުރާނޭ ހާއްސަ ތަންތަން ކަނޑައެޅުން.
3. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ކުލާސްތައް ޕުރޮވިންސްގެ ފެންވަރުގަޔާއި، އަތޮޅުފެންވަރުގަޔާއި، ރަށުފެންވަރުގައި ހެދުމާއި، ސުޕެޝަލް އެޑިޔުކޭސަން ޓީޗަރުން ތަމްރީނުކުރުން. އަދި އެފަދަ ކުދިންނާއި މީހުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްފަދަ ސުޕީޗު ތެރަޕީ، އޮކިޔުޕޭސަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީގެ މާހިރުން ސަރުކާރުގެ ހަސްފަތާލުތަކަށް ހޯދުން.
4. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން މެއިން ސުޓުރީމު ކުރެވޭނެފަދަ ކުދިންނަށް އާދައިގެ ސުކޫލުތަކުން އެފުރުސަތު ހޯދައިދިނުމާއި އެކަމަށް ސުކޫލުގެ މެނޭޖުމަންޓުތަކަށް ހިތްވަރުދިނުން. މިހާރު ވާގޮތަކީ، އޭސްޕާޖާސް ހުންނަކުދިން ނުވަތަ އޮޓިގަމް ކުޑަކޮށް ހުންނަ ކުދިންނަކީ އާދައިގެ އެހެން ކުދިންނެކޭ އެއްގޮތަށް މެއިން ސުޓުރީމު ކުރެވިދާނެ ކުދިންނަށްވާއިރުވެސް، އެފަދަ ފުރުސަތަށް ސުކޫލުގެ މެނޭޖުމަންޓުން ޖާގަދިނުމުގެ ބަދަލުގައި ނުކުޅެދުންތެރިކަން ހުންނަ އެހެން ކުދިންނާއެކު އެއްކުލާހެއްގައި ބައިތިއްބުމެވެ.
5. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަލާމާތްކުރެވޭގޮތަށް ހުންނަ އިސްތިހާރާއި ވީޑިޔޯ އުފެއްދުން ހުއްޓުވުމާއި އެކަމާ ދެކޮޅަށް ފިޔަވަޅުއެޅުން.

މަތީގައި ލިސްޓުކުރެވިފައިވަނީ ބޮޑެތި ބަދަލުތައްކަމުން، އެހެން ކަންތައް ލިސްޓުކުރުމަށް ކިޔުންތެރިންނަށް ދޫކޮށްލަމެވެ. އަހަރެމެންގެ އުއްމީދަކީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިގާނޫނު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަތީގައި ބުނެފައިވާ ފަދަ އެހެނިހެން ކަންތައްތައް ވެސް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އަޅާނެކަމުގައެވެ. އެކަމަށް އަހަރެމެން ހިތްވަރުދީ، ގޮވާލަމެވެ. އަދި އެކަމާ ފަސްޖެހޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން ދައުވާކޮށް އެކަމުގެ މާއްދީ، މާލީ، އަދި ނަފްސާނީ ބަދަލުހޯދޭނެ ފުރުސަތު މިހާރު ލިބިފައިވާކަން އާއްމު ރައްޔިތުންނަށް ހަދާންކޮށްދެމެވެ.

ގާނޫނު ޑައުންލޯޑުކުރޭ



2 comments:

Anonymous said...

ވަރަށް ރަނގަޅު ލިޔުމެއް. ނަމަވެސް، މިހާރުގެ ހެލުތު މިނިސްޓަރަކީ މިފަދަ ކަންތައްތައް ކުރެވޭވަރުގެ ގާބިލު މީހެއް ނޫން. ގާބިލު މީހެއްނަމަ، ބިލެއްގެ ސިފައިގައި ކަންތައްތަކެއް އައުމުގެ ކުރިންވެސް ކޮންމެވެސް ކަންތައްތަކެއް މިހާރު ހުންނަންވާނީ ކުރެވިފައެއް ނޫންތަ؟ މިހާރު ޖެހޭނީ ހުރިޙާކަމެއް އަލުން ބަލުން ކުރަން ފަށަން

Anonymous said...

އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި އޮޓުޒަމާ ބެހޭ ޑައިގޮނޮސިސް ހެދޭފަދަ ގާބިލު ޑޮކުޓަރުން ނުވަތަ މާހިރުން ނެތުން. އަހަންނީ އޮޓިސްޓިކު ކުއްޖެއްގެ ބަދަލުވެރިއެއް. ރާއްޖޭގެ ކޮންމެ ޑޮކުޓަރަކުވެސް ބުނަނީ މައްސަލައެއް އެބައުޅެޔޭ، އޮޓިސްޓިކު ހެންނޭ ހީވަނީ. ޔަގީންކަމާއެކު ބުނާކަށް ނޭގޭ. ދެން ޑައިގޮނޮސިސްއެއް ހަދަންޖެހުނީ ރާއްޖޭންބޭރުން. އެމީހުން ޔަގީންކަމާއެކު ބުނޭ. އަދި ކުއްޖާގެ އުފެދުމުގައި ލަސްވެފައި ހުރި ބައިތަކާއި ލަސްވެފައިހުރީ ކިހާ މުއްދަތަކަށްކަންވެސް ބުނެދޭ.