Saturday, April 2, 2011

އޮޓިޒަމް ހޭލުންތެރިކުރުމުގެ ދުވަސް

މިމަހަކީ، އެޕުރީލް މަހަކީ އޮޓިޒަމް އާއި ގުޅިވައިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރާ މަހެކެވެ. ވަކިން ހާއްސަކޮށް 2 އެޕުރީލްވާ ދުވަހެވެ. މީހުން ހޭލުންތެރިކުރުވާށާއި އެކުދިންނާ މެދު ހާއްސަ ގޮތެއްގައި އަޅާލުމުގެ މަހެއްގެ ގޮތުގައެވެ. ހޭލުންތެރިކުރުވުމުގެ ބޭނުމަކީ އެކުދިން ލޭބަލުކޮށް ވަކިން ހާއްސަ ނަޒަރަކުން ދެކުމެއް ނޫނެވެ. އެހެނެއްކަމަކު، އެކުދިންގެ އަމިއްލަ އިހުތިޔާރުން ބޭރުގައި ކުރެވޭ ކަންތައްތަކާމެދު ތިމާމެން އެކަން ދަނެ، އެކުދިންނަށް ނުވަތަ އެކުދިންގެ މައިންބަފައިން ހިތުގައި ޖެހޭނެ އެއްޗެތި ނުބުނުމާއި އެކުދިންނާ ދިމާލަށް އެއްޗެތި ބުނެ ލޯއަޅާ ނުހެދުމެވެ.
އޮޓިޒަމް ޖެހިފައި ތިބޭ ކުދިންގެ އެއް ހާއްސަ ސިފައަކީ ބޮޑާހޭކުމާއި އަޑުގަދަކުރުމާއި އަމިއްލައަށް އަނިޔާ ދިނުމެވެ. މިއީ އެކުދިންގެ ތަބީއީ ސިފައެކެވެ. މައިންބަފައިންގެ ތަރުބިއްޔަތާ ގުޅިފައި ހުންނަ ކަންތައްތަކެއް ނޫނެވެ. އެހެންކަމުން، އެކުދިންގެ ތަރުބިއްޔަތާ ގުޅުވައިގެން އެއްޗެތި ނުބުނުމަށް އެހެން މީހުން ސަމާލުކަން ދޭންޖެހެއެވެ.
ހޭލުންތެރިކުރުވަން ޖެހޭ އަނެއްކަމަކީ އޮޓިޒަމް އަވަހަށް ދެނެގަތުމާއި އޭގޭ ފަރުވާ ކުރިން ފެށުމެވެ. ފަރުވާ ދިނުމަށް ވަސީލަތްތައް ގާއިމުކުރުމާއި އެކަމަށް މަގުފަހިކޮށްދިނުމެވެ. މިއީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. އޮޓިޒަމް ފާހަގަކުރާ މިމަހުގައި ރާއްޖޭގައި އޮޓިޒަމް ދެނެގަނެވޭނެ ގާބިލު ޑޮކުޓަރުންތަކެއް ތަމުރީނުކުރެވިފައި ނެތުމާއި އެކަމާ ގުޅޭ އެކަށީގެންވާ ފަރުވާތަކެއް ލިބެން ނެތުމީ އަހަރެމެން ހިތާމަކުރާ ކަމެކެވެ.

އެހެންކަމުން، މިހާއްސަ މަހުގައި މިކަންތަކުގެ މައްޗަށް އިތުރަށް ވިސްނައި ދިވެހި ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިލުތިމާސްކުރަމެވެ. ވަކިން ހާއްސަކޮށް، މާލެއިންނާއި ސަރަހައްދީ ހޮސްޕިޓަލްތަކުން ބަހުގެ ތެރަޕީ (ލޭންޖުއޭޖް ޕެތޮލޮޖީ) އާއި އޮކިޔުޕޭޝަނަލް ތެރަޕީ ލިބޭނެ މަގު ފަހިކޮށްދިނުމަށާއި އާނލީ އިންޓަވެންސަން ސެންޓަރުތައް އެންމެ ކުޑަވެގެން ޕޮރޮވިންސް ފެންވަރުގައި ގާއިމުކުރުމަށެވެ.

އޮޓިޒަމްއަކީ އެހެން ނުކުޅެދުންތެރިކަމާ ހިލާފަށް ފަރުވާކުރެވިދާނެ ކަމެކެވެ. އުމުރުގެ ކުރީކޮޅު ދެވޭ ފަރުވާއިން އޮޓިޒަމް ޖެހިފައި ތިބި ކުދިން ރަގަޅުވެފައި އެބަތިއްބެއެވެ. އަދި އާނލީ އިންޓަވެންސަންގެ ތެރެއިން ތިންބައި ކުޅަ އެއްބައި ކުދިން ރަގަޅުވާކަމަށް ދިރާސާތަކުން ދައްކައެވެ. ގިނަ ކުދިންނަކީ ބޭރު ފުށުން އެއްވެސް އުނިސިފަ ފެންނަން ނުހުންނަ، ވިސްނުމުގެ ގޮތުން އެއުމުރުގެ އެހެން ކުދިންނެކޭ އެއްފަދަ ބަޔެކެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، މިކުޑަކުޑަ ރާއްޖޭގައި އޮޓިޒަމް ޖެހޭ ކުދިންގެ ނިސްބަތް އިތުރުވާކަން އެއީ ހަގީގަތެކެވެ. މާލީގޮތުން އެހާ ފުއްދުންތެރި ބަޔަކަށް ނުވިޔަސް ފަރަދުންގެ ފެންވަރުގަޔާއި، ޖަމާއަތުގެ ފެންވަރުގަޔާއި ސަރުކާރުގެ ފެންވަރުގައި ކަންތައްތަކެއް ކުރަން މިމަހު އަޒުމު ކަނޑައަޅަމާތޯއެވެ؟