Monday, July 26, 2010

އޮޓިޒަމްޖެހިފައިވާ ކުދިން ބަލާބޮޑުކުރުމުގައި ބެލެނިވެރިން ތަހައްމަލުކުރާ ވޭނާއި ފިކުރު


"ކީއްވެ އެކުދިން މަރާލީ؟" 911 ގެ އެމެޖެންސީ ނަމްބަރުގެ އޮޕަރޭޓަރު ސުވާލުކުރިއެވެ. "އެދެކުދިންނަށްވަނީ އޮޓިޒަމް ޖެހިފައި. އަހަރެންނެއް ބޭނުމެއްނޫން އެފަދަ ކުދިންނެއް. އަހަރެން ބޭނުމީ އާދައިގެ ކުދިން" ޖަވާބުގައި ސާއިގާ އަހުތަރު މިދިޔަ ހޯމަދުވަހު ބުންޏެވެ. ޒައިން އަހުތަރު (5 އަހަރު) އާއި އޭނާގެ ކޮއްކޮ ފަރިޔާލް އަހުތަރު މަރާލުމުގެ ކުށުގައި އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ އެކުދިންގެ މަންމަ ސާއިގާ (30 އަހަރު) ވަނީ މިދިޔަ ހޯމަދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. މިއީ މިދިޔަ ހަފުތާގައި ހިގާދިޔަ ހަގީގީ ހަދިސާއެކެވެ.

އޮޓިޒަމްޖެހިފައިވާ ކުއްޖަކު ބަލާބޮޑުކުރުމަކީ ގިނަ ތަކުލީފުތަކެއް އެކުއްޖާގެ ބެލެނިވެރިން އުފުލަންޖެހޭ، ހާސްކަމާއި ފިކުރުންފުރިފައިވާ ކަމެކެވެ. ސަބަބަކީ އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ރުޅިއައުމާއި، ބޮޑާހޭކުމާއި، އަތުންފައިން ގޯސްހެދުމެވެ. ގިނަ ކުދިންނަކީ ވާހަކަ ނުދެއްކޭކުދިންކަމުން، މައިންބަފައިން ދަރިފުޅަށް ވިސްނައިދޭން ކުރާ މަސައްކަތް ކޮޅެއްގައި ނުޖެހުމެވެ. މިހުރިހާ ކަމަކަށްވުރެންވެސް، އެފަދަ މައިންބަފައިންނަށް ބޮޑު ހިތްދަތިކަމެއް ލިބެނީ، ދަރިފުޅު ބޮޑާހާކާއިރުގައި ތިމާ ވަށައިގެން އުޅޭ އެހެންމީހުންގެ ލޯއެޅުންތަކުންނާއި ތިމާ ވާށައިގެން އުޅޭ މާހައުލުގައި އުޅޭ އެހެންމީހުން ވިސްނާނުލައި ބުނާ ބަސްތަކުންނެވެ.

"ހާދަ ބަސްނާހާ ކުއްޖެކޭ.. އެކުއްޖާ އެހުރީ ލޯބިން ހަލާކުކޮށްފައޭ.. ދަރިން ތަރުބިއްޔަތު ކުރާކަށް ނޭގެއޭ.. ހާދަ ގޯސް ބެލެނިވެރިންނެކޭ.. " މިފަދަ ބަސްތަކަކީ އޮޓިޒަމްޖެހިފައިވާ ކުދިންގެ މައިންބަފައިން މުޖުތަމައުގެ އެހެންމީހުންގެ ފަރާތުން ގިނަގިނައިން އަޑުއަހާ ބަސްތަކެވެ. އެއިން ކޮންމެ ބަހަކީ ތާއަބަދު ފިކުރުކުރުންމަތީގައި އުޅޭ މައިންބަފައިންނަށް ލިބޭ އިތުރު ހިތާމައަކާއި ވޭނެކެވެ. މިފަދަ ބަސްތައް ބުނާ ގިނަ މީހުންނަކީ އޮޓިޒަމްއަކީ ކޮންއެއްޗެއްކަމާއި، އެކުއްޖާގެ ފަރާތުން އެފެންނަ ކަންތައްތަކަކީ ހަގީގަތުގައި އޮޓިޒަމްގެ ސަބަބުން މެދުވެރިވާ ކަންތައްތަކެއްކަން ނޭގޭ މީހުންނެވެ.

ބުނާއަޑުނޭހުމާއި ބޮޑާހޭކުމާއި އަތްފައިންގޯސް ހެދުމަކީ އާދައިގެ ކުދިންގެ ތަރުބިއްޔަތާ ގުޅިފައިވާކަމަށް ވާއިރު، މިއީ އޮޓިޒަމްގެ ހާއްސަ އަލާމާތްތަކެވެ. އޮޓިޒަމްޖެހިފައިވާ ކުއްޖާ އޭނާގެ އިހުތިޔާރުގައި ކުރާ ކަންތައްތަކެއް ނޫނެވެ. އޮޓިޒަމަކީ ކުއްޖާ އުފެދުމުގައި ސިކުޑި ހެދިބޮޑުވާންވީގޮތަށް ތަރައްގީނުވުމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. ބައްޔަކަށްވުރެން ބޮޑަށް ޑިސްއޯޑައެކޭ ކިޔަނީ އެހެންވެއެވެ. މިހެންވުމުގެ ސަބަބުން، ވާހަކަދެއްކުމާއި، ކަންކަމާމެދު ވިސްނުމާއި، އިޖުތިމާއީ ގުޅުމަށާއި ތިމާގެ އަމަލުތަކަށް އޭގެ އަސަރުކުރަނީއެވެ. އޮޓިޒަމް ޖެހެން މެދުވެރިވަނީ ކޮން ސަބަބަކާހުރެކަން މިހާތަނަށް ހެދިފައިވާ ހޯދުންތަކުން ޔަގީންކަމާއެކު އެގޭކަށްނެތެވެ. ނަމަވެސް، ޔަގީނުންވެސް އެގޭކަމަކީ މިފަދަ ކުދިން އެއްދުވަހުން އަނެއްދުވަހަށް ދުނިޔޭގެ އެހެންގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް އިތުރުވަމުން އަންނަކަމެވެ.

އާދައިގެ ކުދިން ބަލާބޮޑުކުރާ މައިންނަށްވުރެ، އޮޓިޒަމްޖެހިފައިވާ ކުއްޖަކު ބަލާބޮޑުކުރާ މަޔަކު ނަފުސާނީގޮތުންނާއި ކުދިންބަލާބޮޑުކުރުމުގައި ކުރަންޖެހޭ ފިކުރުތައް ބޮޑުކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ. "ކުއްޖަކު އޮޓިޒަމަށް ޖެހިފައިވާކަން އެގުމަށްފަހު، ބެލެނިވެރިޔާގެ ދައުރު ބަދަލުވެގެންދެއެވެ. އެކުއްޖާގެ ހާލަތުގާތުންބަލައި އެކަންބަލަހައްޓާމީހަކަށް ބަދަލުވެގެންދެއެވެ. އަދި ހާއްސަ ޓީޗަރަށް ބަދަލުވާން މަޖުބޫރުވެއެވެ. (އެބަހީ: އެކުއްޖާއާ މުއާމަލާތްކުރާގޮތާއި އެކުއްޖާއަށް ކަންތައް އުގަންނައިދޭގޮތަށް ބަދަލު ގެންނަންޖެހެއެވެ.) އެކުއްޖާއަށް ބޭނުންވާ ފަރުވާ ހޯދައިދެވޭނެ ގޮތަކާމެދު ވިސްނައި ފިކުރުކުރަންޖެހެއެވެ. ކަންކަމާމެދު ވަކާލާތުކޮށް ކަންތައްތައް ފަހިކުރެވޭތޯ ބަލަންޖެހެއެވެ. މިއީ (އެފަދަ ބެލެނިވެރިއަކަށް ނޫނީ) ވިސްނައިނުގަނެވޭހާ ބޮޑު ތަކުލީފަކާއި ފިކުރެކެވެ." އެމެރިކާގެ އޮޓިޒަމް ޖަމުއްޔާގެ ނައިބު ރައީސް މާގުރައިޓް ކޮލްސްޓަން ވިދާޅުވިއެވެ.

ސުޕީޗު ތެރަޕީ(speech therapy)، އޮކިޕޭސަނަލް ތެރަޕީ(occupational therapy)، އަދި ބިހޭވިއަރަލް ތެރަޕީ(behavioural therapy) ފަދަ އޮޓިޒަމް ޖެހިފައިވާ ކުއްޖަކަށް ބޭނުންވާ ޒަރޫރީ ފަރުވާތަކަކީ އަގުބޮޑު ހިދުމަތްތަކެވެ. ރާއްޖެއިން ލިބެން ނުހުންނަ ހިދުމަތްތައް ކަމުން ރާއްޖެއިން ބޭރަށް ދާން މަޖުބޫރުވެއެވެ. އެހެންވުމުގެ ސަބަބުން، މާލީ ދަތިތަކާ އެފަދަ މައިންބަފައިން ކުރިމަތިލާންޖެހެއެވެ. މީހުން ކައިރިއަށް ސަލާންޖަހަން މަޖުބޫރުވެދެއެވެ. ދަރިފުޅުގެ ކަންތައް ބެލެހެއްޓުމަށްޓަކައި ވަޒީފާއިން ކެޑި، ބެލެނިވެރިންކުރެ އެކަކު ގޭގައި ހުރުމަށް ނޫނީ ގެއަށް މީހަކު ހޯދަން މަޖުބޫރުވެއެވެ. ދިރިއުޅުމުގެ އުފަލާއި އަރާމުން އެއްކިބާވެ، ދަރިފުޅުގެ ކަންތައްތަކަށް ވަގުތުދޭންޖެހެއެވެ.

ދެމަފިރިންމެ ތާއަބަދު ދަރިފުޅުގެ ކުރިއެރުމާމެދު ވިސްނައި، ކަންތައް ރަނގަޅުކޮށް، ކުރާ ހަރަދު ދެކޮޅު ޖެއްސޭނެގޮތަކާމެދު ފިކުރުކުރަން ޖެހިދެއެވެ. އެއްކުއްޖަކަށް ސަމާލުކަންދޭތީ އެހެންކުދިން މައްސަލަޖައްސަން ފަށައެވެ. ސަކުވާކުރެއެވެ. ބަޔެއް ފަހަރަށް، ދިރިއުޅުމުގެ އާއްމު ހާލަތު ދަށަށްގޮސް، އާއިލާ ތެރޭގައި މައްސަލަޖެހެން ފަށައެވެ. އާއިލާގެ އެހެން މެމްބަރުންގެ އެހީތެރިކަމާ މަދަދު އިންތިހާއަށް އެފަދަ އާއިލާތަކަށް ބޭނުންވަނީ އެހެންވެގެންނެވެ. ނަމަވެސް، ގިނަ ބަޔަކަށް އެކަމެއް ނޭގެއެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގައި، އެއްބަޑު އެއްބަފާ މީހުންނާއި އާއިލާގެ އެހެން މެމްބަރުން އެފަދަ އާއިލާތަކާ ދުރަށްޖެހެނީ މާލީގޮތުން އެއްޗެއް ދޭންޖެހިދާނެތީވެއެވެ. ނުބައި ތަރުބިއްޔަތެއްގެ ސަބަބުން ދަރިން ހަލާކުކުރިކަމުގެ ނަންމަތިކޮށެވެ.

ރާއްޖޭގައި މިހާލަތު ބަދަލުކުރެވޭނީ
1. ކުއްޖާގެ ޅައުމުރުގައި އޮޓިޒަމް ޑައިގުނޯސް ކުރެވޭ ފަދަ މީހުން (އުފެދުމާބެހޭ ކުޑަކުދިންގެ ހާއްސަ ޑޮކުޓަރުން، އުފެދުމާބެހޭ ސައިކޮލޮޖިސްޓުން.ސައިކޭޓުރިސްޓުން އަދި އޭބީއޭ ސެޓިފައިޑް ތެރެޕިންޓުން) ބިނާކޮށްގެންނާއި؛
2. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުއްޖާގެ ޅައުމުރުގައި އުފެދުމުގެ މައްސަލަތަކަށް ފަރުވާދެވޭނެ ސެންޓަރުތައް (early intervention centres) ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ގާއިމުކޮށް ގެންނާއި؛
3. އެފަދަ އާއިލާތަކުން އެކުދިންގެ ފަރުވާއަށް ކުރާ ހޭދައިގެ ސަބަބުން ދިމާވާ މާލީ ނުތަނަވަސްކަން ފިލުވާލަދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަން ފަށައިގެންނާއި؛
4. ރާއްޖޭގެ އާއިލާތައް ހޭލުންތެރިކުރުވައި އެފަދަ އާއިލާތަކަށް އާއިލާގެ އެހެން މެމްބަރުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ މާހައުލެއް ގާއިމުކޮށްދީގެންނާއި؛
5. މުޖުތަމުގެ އެހެންމީހުން ހޭލުންތެރިކުރުވައި، އެފަދަ ކުދިންގެ އާއިލާތަކާމެދު ދެކޭ ނުބައި ވިސްނުން ބަދަލުކޮށް، އޭގެ ބަދަލުގައި އެފަދަ އާއިލާތަކާމެދު އަޅާލާ އެހީތެރިވެދޭ ބަޔަކަށް ހަދައިގެންނެވެ.

2 comments:

Anonymous said...

interesting... pls chk
http://gevehivamaa.blogspot.com

Unknown said...

well, now here in maldives there are speech therapists, so can't tell the treatment is not available... :) visit Listen Clinic Speech therapist and also igmh speech therapist...